މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ހާދިސާތައް ތަކުރާރުވިޔަ ނުދޭން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައިވާ ކަމަށެވެ. ކަރަންޓު އަލުން ދިނުމަށްޓަކައި ކުންފުނީގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ފަހުމީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން،" ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވަނީ މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
މިއަދު މާލެ ސަރަހައްދުން ކަރަންޓު ކެނޑުމުގެ ސަބަބުން އޮފީސްތަކާއި ފިހާރަތަކާއި ކެފޭ ފަދަ ތަންތަނުގެ މަސައްކަތް ހުއްޓުމަކަށް އައިސް ބޮޑެތި ދަތިތައް ކުރިމަތިވި އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި ކަރަންޓު ކެނޑެން ދިމާވި ސަބަބު އަދި ހޯދިފައެއް ނުވެ އެވެ.
މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.