ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 15 ވަނަ ދުވަހެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ދައުރުގައި ޖުމުލަ 32 ޖަލްސާ ބޭއްވުނު ކަމަށެވެ. އެ ޖަލްސާތަކުގައި 59 ގަޑިއިރު ހޭދަކުރެވުނު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ކޮމިޓީގެ 193 ބައްދަލުވުން ބޭއްވިއިރު އެ މަސައްކަތުގައި 139 ގަޑިއިރު ވަނީ ހޭދަކޮށްފައެވެ.
ދައުރު ނިންމާލިއިރު އެ ދައުރުގައި ޖުމުލަ ނުވަ ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ، އެ ދައުރުގައި ހުށަހެޅިފައި ހުރި މަސައްކަތްތަކުގެ ތެރެއިން 77 އިންސައްތަ މަސައްކަތް ނިންމާލެވުނު ކަމަށެވެ.