ނޭޝަނަލް ކެރިއާސް ސާވިސް (އެންސީއެސް) އިން ކުޅުދުއްފުށި ސިޓީގައި އަލަށް ގާއިމުކުރާ ރީޖަނަލް އޮފީސް ހުޅުވައިފިއެވެ.
ކުޅުދުއްފުށީގައި ގާއިމުކުރި މި އޮފީހަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތައް ގުޅުވައިދިނުމަށް އަމާޒުކޮށް ގާއިމުކުރި އޮފީހެކެވެ.
މި އޮފީސް ހުޅުވާދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ހައިދަރެވެ.
އެ ވުޒާރާއިން މައުލޫމާތު ދެއްވާގޮތުގައި މަސައްކަތުގެ އުމުރުފުރައިގެ މީހުންނަށް އެކަށޭނަ މަސައްކަތްތަކާއި ވަޒީފާތައް ހިޔާރުކުރުމުގައި އެހީތެރިވެ، މަގުދެއްކުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ނޭޝަނަލް ކެރިއާސް ސާވިސްގެ އިތުރު އޮފީސްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ އެ ވުޒާރާގެ އަމާޒަކީ ވަޒީފާ ބޭނުންވާ ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާ ހޯދުމުގެ މަގުފަހިކޮށްދިނުމާއި ވަޒީފާ އުމުރުފުރައިގެ ކުދިންނަށް ކިޔެވުމާއި އަދި މަސައްކަތުގެ ދާއިރާ ހިޔާރުކުރުމުގެ ފުރިހަމަ މައުލުމާތު ފޯރުކޮށްދިނުން ކަމަށެވެ.