މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުން އިއްޔެ އެއްކޮށް ކަރަންޓު ކެނޑުމުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ދަތިވެ ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓޭ ހިސާބަށް ދިޔަ ކަމަށެވެ.
އެ ކުއްލި މައްސަލައިގައި ވަނީ ގްރޭޓާ މާލެއިން އެއްކޮށް ކަރަންޓު ކެނޑުނު ހިނދު، ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އައިސް، ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓުމަކަށް އައި ކަމަށެވެ. އެކަން އެގޮތަށް ވީއިރު ގާނޫނުގައި ކަރަންޓުގެ ޚިދުމަތް، އެ ރަށެއްގައި އުޅޭ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދޭން އެ ޚިދުމަތްދޭ ތަންތަނަށާއި ސަރުކާރަށް ލާޒިމުކޮށްފައިވާ ކަމަށް އެ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
ނަމަވެސް އިއްޔެ މާލެއާއި ހުޅުމާލެއިން މެންދުރު 12:35 ހާއިރު ކަރަންޓު ދިޔުމުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ދަތިތަކެއް ވެފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
އެއްފަހަރާ ހުރިހާ ތަނަކުން ކަރަންޓު ކެނޑުމަކީ މީގެ ކުރިން ދުވަހަކު ވެސް ހިނގާފައިނުވާ ކަމެއް. ބޮޑު އާބާދީއެއް އޮތް ތަނެއްގައި އެފަދައިން ކަރަންޓު އެއްކޮށް ކެނޑުމަކީ، ވަރަށް ބޮޑަށް ރައްޔިތުންނަށް ދަތިވާނެ ކަމެއް،ކުއްލި މައްސަލަ
އެގޮތަށް ކުއްލިއަކަށް މުޅި މާލެއިން ކަރަންޓު ދިއުމަކީ ސިއްހީ ޚިދުމަތްދޭ ތަންތަނުން ފަރުވާ ހޯދަމުންދިޔަ މީހުންނަށާއި އެތަނުގައި ބޭނުންކުރާ އާލާތްތަކަށް ގެއްލުންވާނެ ކަމެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. އެއީ، ފަރުވާ ހޯދާ މީހުންނަށް ނުރައްކާ ކަމެއް ކަމަށާއި ހޮސްޕިޓަލްތަކުގައި ހުރި އަގުބޮޑެތި މެޑިކަލް އިކުއިޕްމަންޓްތަކަށް ގެއްލުންވެ، ހަލާކުވެދާނެ ކަމެއް ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން އެއާޕޯޓު ހުއްޓުމަކަށް އައި ކަމަށާއި އޭގެ ސަބަބުން އެތައް ފަތުރުވެރިންނެއްގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެއީ، އެކަމުގެ ސަބަބުން ފަތުރުވެރިކަމަށް ވެސް އަސަރުކުރާނެ ކަމެއް ކަމަށް އެ މައްސަލައިގައި ވަނީ ބުނެފައެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 43 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
މާލެ ސަރަހައްދުން އިއްޔެ ކަރަންޓު ކެނޑުނީ މެންދުރުފަހު 12:30 ހާއިރު އެވެ. ހުރިހާ ތަނަކަށް ކަރަންޓު ދެވޭވަރުވީ އޭގެ ފަސްގަޑިއިރު ފަހުންނެވެ. މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު ސަބަބެއް މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.