'ލާމަސީލު ލާމު ސްކޫލްތަކުގެ މާލީ އެހީގެ ޕްރޮގްރާމް' ގެ ދަށުން ހަތަރު ސްކޫލަކަށް ލ. އަތޮޅު ކައުންސިލުން އެހީ ދީފި އެވެ.
ސްކޫލްތަކުން ހުށައަޅާ ޕްރޮޕޯސަލްތަކުގެ މައްޗަށް ބިނާކޮށް ދޭ މި އެހީ ލ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް ހާއްސަކޮށްފައިވާ އެހީގެ ޕްރޮގްރާމެކެވެ.
މާލީ އެހީ ދެނީ ސްކޫލްތަކުގައި ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަމަށް ހާއްސަކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބިނާކޮށެވެ.
އެގޮތުން މި އަހަަރުގެ މިހާތަނަށް ހަތަރު ސްކޫލަކަށް ވަނީ އެޖީގެ ފައިސާ ހަވާލުކޮށްފަ އެވެ.
އެގޮތުން ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓްރެއިނިން ރޫމުގައި އިންޓްރެކްޓިވް ވައިޓްބޯޑެއް އިންސްޓޯލް ކުރުމަށް 68،125.01ރ. ދީފައިވާ އިރު، މާމެންދޫ ސްކޫލްގެ ކްލާސްރޫމުތައް އޭސީ ކުރުމުގެ ގޮތުން 46،458.33ރ. ދީފައިވެ އެވެ. އަދި މުކުރިމަގު ސްކޫލުގެ ކުލާސްރޫމްތައް އޭސީ ކުރުމަށް 27،500ރ. ދީފައިވާ އިރު، އިހައްދޫ ސްކޫލުގެ އޯޑިއޯ ވިޝުވަލް ނުކުރެވިވާ ކުލާސްރޫމްތައް އޯޑިއޯ ވިޝުވަލް ކުރުމަށް 46،458.33ރ. ދީފައިވެ އެވެ.
ކައުންސިލުން ބުނީ މި އަހަރު އެހީ ދޭން ނިންމާފައިވާ ސްކޫލްތަކުގެ ތެރެއިން ބާކީ ހުރި ސްކޫލްތަކަށް އެހީ ފޯރުކޮށް ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.