ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން މާމިގިލީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި/ ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި އދ. މާމިގިލި / ވިލެޖް، އަޙްމަދު ފިރުޝާން (28އ) އާއި އދ. މާމިގިލި / ރޯޅި، މުޙައްމަދު ޝަހުދު (27އ) އާއި އދ. މާމިގިލި / ކުވައިތު، މުޙައްމަދު މަޙްމޫދު (34އ) އަދި އދ. މާމިގިލި / އެވަރެސްޓް، ޢަލީ ޝާނީޒް (39އ) ކަމަށެވެ.
އަދި އެ މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅިގެން ހަތް ތަނެއް ބަލައިފާސްކުރިއިރު، 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރެއިން ރިސްވާން އިބްރާހިމާއި މުޙައްމަދު މަޙްމޫދުގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އަޙްމަދު ފިރުޝާނާއި މުޙައްމަދު ޝަހުދުގެ އިތުރުން ޢަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް ފަސްދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
މި މައްސަލަ އދ. މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.