އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރާ ތިމާވެށީގެ ދުވަހު ރާއްޖޭގެ ރިސޯޓުތަކުގައި ހައިވަކަރު ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމާފައިވާ ކަމަށް އެންވަޔަރަމަންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ވަނީ، އަވައްޓެރި ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ހައިވަކަރު ގަސްތަކުގެ ފުރަތަމަ ބެޗު ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށާފައެވެ.
މިނިސްޓްރީން ބުނީ، މި އަހަރުގެ ތިމާވެށީގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މި ހައިވަކަރު ގަސްތައް ރާއްޖޭގެ އެކި ރިސޯޓުތަކުގައި އިންދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދުކުރެވޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ސްޓޭޓް މިނިސްޓަރު މަރްޔަމް ވިސާމާ އަހުމަދު ވިދާޅުވީ، މި ގަސްތައް އިންދުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި، ވިސާމާ ވަނީ ލަންކާ ސަރުކާރުގެ ގަސްތައް ހަދިޔާކުރުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ހައިވަކަރު ގަހަކީ ދިިވެހި ސަގާފަތާއި ދޯޅު ސަގާފަތުގެ މުހިންމު ކަންކަން އޭގެން ވުޖޫދަށް އައިސްފައިވާ ގަސްތަކުގެ ތެރެއިން މުހިންމު ގަހެކެވެ. ދިވެހި ތާރީޚުގައި ކޮށްފައިވާ އަތްތެރި މަސައްކަތުގެ އެންމެ ފުރިހަމަ ރަމްޒެއް ފެންނަން އޮތީ ހައިވަކަރު ގަހުގެ ލަކުޑީގައެވެ.
މިނިސްޓްރީން ވަނީ، އަންނަ ބުރާސްފަތި ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށި ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައެވެ.
އެއާއެކު، ސަރުކާރުން ފެށި ފަސް މިލިއަން ގަސް ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ވަނީ، 490,000 އަށްވުރެ ގިނަ ގަސް އިންދާފައެވެ. އެގޮތުން، އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.