ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށް 3 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ގުޅިގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ސީ.ވީ އަދި ތަޢުލީމީ ސެޓްފިކެޓްތައް 15 ޖޫން 2025 ގެ ކުރިން، [email protected]v އަށް އީމެއިލް ކުރުމަށް އިޖުތިމާޢި ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ.
އެޕްލިކޭޝަންގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ނުވަތަ މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ނަމަ 7751433 އަށް ގުޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.
އެ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށް މީގެ ކުރިންވެސް މިފަދަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެއި މަހަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ތެރެއިން ޕްރޮގްރާމުގައި ބައިވެރިވި ފަރާތަށް އިތާ ފުށީގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރުމުގެ ޢަމަލީ ތަމްރީން ވަނީ ފޯރުކޮށްދެވިފައެވެ.
މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން އެފަރާތްތަކަށް ވަޒީފާގެ މުހިންމު ހުނަރުތައް ދަސްކޮށްދިނުމާއި، މަސައްކަތުގެ މާޙައުލުގެ ތަޖުރިބާ ލިބިގަތުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ.