ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ބުނެ އެތަނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނީ ރާއްޖޭގެ އޮންލައިން ނޫހަކުން ކުރި ޓުވީޓެއްގައި ކަމަށެވެ. "ދިޔަރެސް" ނޫހުން އިންޒާރު ދިންކަމަށް ފޮރިން މިނިސްޓްރީން ބުނި ނަމަވެސް އެފަދަ ޓުވީޓެއް އެ އޮންލައިން ނޫހުގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ނެތެވެ.
ފޮރިން މިނިސްޓްރީން ބުނީ އޮންލައިން ނޫހުން އިންޒާރު ދީ ޓުވީޓުކޮށްފައިވަނީ އިންޑިއާ އާއި ޗައިނާގެ އެމްބަސީ ގޮއްވާލާނެކަމަށް ބުނެ އެވެ. އެހެންކަމުން އެ ދެތަނުގެ ސެކިއުރިޓީވެސް ވަރުގަދަ ކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފޮރިން މިނިސްޓްރީގައި އެކަމަށް އެދުނީ އިންޑިއާ އަދި ޗައިނާ މިޝަނުން ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. އިތުރަށް އެމިނިސްޓްރީން ބުނީ ދޭދޭ ގައުމުތަކާއިއެކު އޮންނަ ގުޅުންތަކާއި ބެހޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކާއި ރާއްޖޭގައި ތިބޭ ބޭރުގެ ޑިޕްލޮމެޓުންނާއި ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެފަދަ ވާހަކަތައް ފެތުރުމަކީ ގައުމުތަކާއިއެކު އޮންނަ ޒަމާންވީ ގުޅުމަށް އަސަރު ކުރާނެ ކަަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިއާއި ފަތުރުވެރިކަމަށް ނޭދެވޭ އަސަރުކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ވަނީ އެހެން ގައުމުތަކުގެ ހައިކޮމިޝަންތަކާއި އެތަނުގައި މަސައްކަތް ކުރާ ޑިޕްލޮމެޓުންނާއި ގުޅުވައި ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށްވެސް އިލްތިމާސްކޮށްފަ އެވެ.
މީޑިއާއާއި ގުޅުވައި ފޮރިން މިނިސްޓްރީން ތުހުމަތުތަކެއް ކުރިއިރު އިންޑިއާ ހައިކޮމިޝަނުން ވަނީ އެގައުމާއި ގުޅުވައި ރާއްޖޭގެ މީޑިއާތަކުން ދައްކާ ވާހަކަތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ފޮރިން މިނިސްޓްރީގައި އެދިފަ އެވެ.
އިންޑިއާއިން އައްޑޫގައި ކޮންސިއުލޭޓެއް ގާއިމްކުރަން އުޅޭ މައްސަލައިގައި އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަނީ ބޮޑު ކެމްޕެއިނެއް ފަށައިފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބޭތީވެސް ސޯޝަލް މީޑިއާގައި ދަނީ އަޑު އުފުލަމުންނެވެ. އެވާހަކަތައް ބައެއް މީޑިއާތަކުން ގެނަސްދެމުން ދާއިރު އިންޑިއާ ހައި ކޮމިޝަނުން ވަނީ އެފަދަ މައުލޫމާތު ފެތުރުން ހުއްޓައިލުމަށް ގޮވާލައިފަ އެވެ.
އިންޑިއާއާއި ދެކޮޅަށް ހަބަރު ފަތުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މީޑިއާ ކައުންސިލްގައިވެސް މީޑިއާތަކަށް ފިޔަވަޅު އެޅުމަށް އެދިފަ އެވެ.