އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގު އަޅުވައި، އިތުރު ދެ މީހަކު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ ދައުލަތުން އެދުނު ޝަރުތުތަކަށް އެއްބަސްވެފައިވާތީ ޓެގު އަޅުވާ100 ދުވަހުގެ މުއްދަތަށް ދޫކޮށްލީ 24 އަހަރުގެ ށ. ނޫމަރާ، ހަވީރީގެ އަބްދުﷲ ފަޞީޙާއި 41 އަހަރުގެ ސ. ހިތަދޫ، ހަދުވަރުމަތީގެ ޙުސައިން އަބްދުލް މަޖީދެވެ.
ފަސީޙަކީ ޑައިމޯފިންއާއި ކެނެބިސް ޓްރެފިކްކުރި ކަމަށް ތުހުމަތުވާ މީހެކެވެ. އަދި މަޖީދަކީ ޑައިމޯފިން ޓްރެފިކްކޮށްގެން ބަންދުގައި ހުރި މީހެކެވެ.
އެ އަމުރުތަކުގައި ވަނީ، އެ މީހުންގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ މުއްދަތު އިތުރުކުރަން އެދޭނަމަ، އަމުރުތަކުގެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުން އެކަމަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުވަތަ 'ވާނުވާ' ބަންދުގެ މައްސަލައަށް ހައްލު ގެނައުމަށް މިހާތަނަށް ޖުމުލަ ފަސް މީހަކު ޓެގު އަޅުވާފައި ވަނީ ދޫކޮށްލާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށްއެ އޮފީހުން ބުނެ އެވެ.