އިސްރާއީލުން ރޭ އީރާނަށް ދިން ހަމަލާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.
މި ހަމަލާތައް ރައީސް ކުށްވެރިކުރެއްވި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން، އީރާނަށް ޔަހޫދީ ދައުލަތުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޔަހޫދީ ދައުލަތުގެ މި އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި އޭގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން އުފެދިގެންދާނެ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފަތިހުގެ ވަގުތެއްގައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށާއި ނިއުކްލިޔަަރ މަރުކަޒުތަކަށް އަމާޒުކޮށް ޔަހޫދީން ދިން ޙަމަލާގައި އީރާނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީއާއި އީރާނުގެ ހަތިޔާރުއެޅި ބާރުގެ ޗީފް އޮފް ސްޓާފް މުޙައްމަދު ބަޣާރީ އަދި އެމަޖެންސީ ކޮމާންޑުގެ ކޮމާންޑަރު ވަނީ ޝަހީދު ކޮށްލާފައެވެ.
އޭގެ އިތުރުން 6 ނިއުކްލިއަރ ސައިންޓިސްޓުންވެސް ޝަހީދު ކޮށްލައިފައިވާއިރު އާންމުން ދިރިއުޅޭ ސަރަޙައްދަކަށް ޔަހޫދީން ދިން ޙަމަލާއެއްގައި ކުޑަކުދިންތަކެއްވެސް ވަނީ ޝަހީދުކޮށްލާފައެވެ.