އިސްރާއީލުން އީރާންއަށް ދިން ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ޚާރިޖީ ވުޒާރާޢިން ވިދާޅުވީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށާއި އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާން އަށް ދިން މިހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.