އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރައްވާ އެންމެ ފޯނު ކޯލަކުން ވެސް މެދުއިރު މަތީގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް މައްސަލަތައް ހައްލުކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރ ސައްޔިދު އައްބާސް އަރަގްޗީ ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރ ސައްޔިދު އައްބާސް އަރަގްޗީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރަމްޕްގެ އެންމެ ފޯނުކޯލަކީ އިޒްރޭލު-އިރާންގެ ހަނގުރާމަ ހުއްޓުވިދާނެ ކަމެއް ކަމަށެވެ.
"ޓްރަމްޕް މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި ގުޅުންބަދަހި ކުރުމުގެ މަސައްކަތުގައި ތެދުވެރިނަމަ މިހަނގުރާމަ ހުއްޓުވަން ނަތަންޔާހޫއަށް ކުރައްވަންޖެހޭނީ އެންމެ ފޯނުކޯލެއް. ޓްރަމްޕް މި ހަނގުރާމަ ހުއްޓުވުމަށް ޝައުގުވެރިވާނަމަ ދެން އަޅަންޖެހޭނެ ފިޔަވަޅުތަކަކީ ނަތީޖާ ނެރެދިނުން. އިޒްރޭލުންދޭ އުދުވާނީ އަމަލުތައް ހުއްޓުވަން ޖެހޭނެ." ފޮރިން މިނިސްޓަރ ސައްޔިދު އައްބާސް އަރަގްޗީ ވިދާޅުވި އެވެ.
އަރަގްޗީ ވިދާޅުވީ އީރާނުން އިސްވެ އިޒްރޭލަށް ހަނގުރާމަ ފެށީއެއް ނޫނެވެ. ނަމަވެސް އިޒްރޭލުން އިސްވެ ހަނގުރާމަ ކުރަން ފެށުމުން ރައްދުގައި އީރާނަށް ހަމަލާ ދޭން ޖެހުނީ އެގައުމުގެ ބިމާއި ރައްޔިތުންގެ ކަރާމާތް ހިމާޔާތް ކުރުމަށެވެ. އަދި އެކަމުގައި އެންމެ ފަހު މީހާ ހަމައަށް ހަނގުރާމަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"ހަނދާން ނައްތާނުލަމާ. އީރާނުން މި ހަނގުރާމަ ފެށުނީކީ ނޫން އަދި ލޭ އޮހޮރުވުން ދެމިއޮތުމުގެ ޝައުގުވެރިކަމެއް ވެސް ނެތް. އެކަމަކު އަޅުގަނޑުމެންގެ ބިމާއި ރައްޔިތުންނާއި ކަރާމާތާއި ކާމިޔާބީތައް ހިމާޔަތް ކުރުމަށް ފަހު ލޭތިއްކާ ހަމައަށް ވެސް ފަޚުރުވެރިކަމާއެކު ހަނގުރާމަ ކުރާނަން" އަރަގްޗީ ވިދާޅުވި އެވެ.
ޓްރަމްޕް ވަނީ އީރާނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ގެނައުމަށް އެއްބަސްވުމަކަށް އަައުމަށް އެމެރިކާއިން އެހީތެރިވެދޭނެ ކަމަށްވިދާޅުވެފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އީރާނަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެކަން އެންގެވި ކަމަށެވެ. އަދި އިޒްރޭލުގެ ޖާސޫސީ އިދާރާއިން "ކޮންމެ މައުލޫމާތެއް" އެމެރިކާގެ ވޮޝިންޓަނާ ހިއްސާކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ދެ ގައުމުގެ މެދުގައި ހަމަލާތައް ފުޅާވަމުން ދިއުމާއެކު ދެފަރާތުން މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އިޒްރޭލުގެ އޮފިޝަލަކު ބުނީ އީރާނާ ދެކޮޅަށް އިޒްރޭލުން ދޭ ހަމަލާތައް ގާތްގަނޑަކަށް ތިން ވަރަކަށް ހަފުތާއަށް ދެމިގެން ދާނެ ކަމަށެވެ.