ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖޭގައި ދެމުން އައުމަށްފަހު ހުއްޓައިލި ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމެންޓެއް ރާއްޖެ ލިބިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖެހި ލައްކައަކަށްވުރެއް ގިނަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. ބައެއް މީހުން ފުރަތަމަ ޑޯޒް ޖެހިތާ ފަސް މަސް ދުވަސް ވަނީ ފާއިތުވެގެން ގޮސްފަ އެވެ. ވެކްސިން ޖެހުން ހުއްޓައިލީ ރާއްޖެއިން ކޮވިޝީލްޑް ހުސްވުމާއި ގުޅިގެންނެވެ.
އިއްޔެ ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން އަނެއްކާވެސް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަމުން ދާނެ ކަމަށެވެ. ވެކްސިން ޖަހަން ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓު ހައްދާ ފަރާތްތަކަށެވެ. އެޕޮއިންޓްމެންޓު ދޫކުރަމުން ގެންދާނީ ކުރިން ފުރަތަމަ ޑޯޒް ޖެހި މީހުންގެ ތަރުތީބުން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ރާއްޖެއަށް އިއްޔެ ލިބުނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ގަތް 300،000 ޑޯޒް ވެކްސިންގެ ތެރެއިން ޝިޕްމެންޓެކެވެ. މީގެ ކުރިން އެ ވެކްސިންގެ 100،000 ޑޯޒް ލިބުނެވެ. ބާކީ 200،000 ޑޯޒްގެ ތެރެއިން އިއްޔެ ލިބުނީ ކިހާ އަދަދެއްގެ ވެކްސިނެއްކަން އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.
އެހެންނަމަވެސް އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން މެދު ނުކެނޑި ވެކްސިން ދެމުން ގެންދާނެ ކަމަށެވެ. އަދި ދެވަނަ ޑޯޒް ނުޖެހި ތިބި ހުރިހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
މިމަހުގެ ތެރޭގައި ރާއްޖެއަށް އެސްޓްރެޒެނިކާ ވެކްސިންވެސް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މީގެ ކުރިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިމަސް ނިމުމުގެ ކުރިން އެކަށީގެންވާ އަދަދެއްގެ ވެކްސިން ލިބޭނެ ކަމަށެވެ.
ރާއްޖެއަށް މީގެ ކުރިން ވެކްސިން ފޯރުކޮށްދެމުން ދިޔައީ އިންޑިއާ މެދުވެރިކޮށެވެ. އެހެންނަމަވެސް އެގައުމުގައި ކޮވިޑް-19 ގެ ހާލަތު ގޯސްވުމާއިއެކު ވެކްސިން އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން މެދުކަނޑައިލި އެވެ.
ރާއްޖެއަށް ފައިޒާ ވެކްސިންގެ މަދު ޑޯޒް އެއްގެ އިތުރުން ޗައިނާ ސަރުކާރުން އެގައުމުގެ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ވެސް ފޯރުކޮށްދިނެވެ.