ސަރަހައްދުގައި ހުރި ކޮންމެ އެމެރިކާގެ ރައްޔިތަކީ ނުވަތަ ސިފައިންގެ މީހަކީ ޓާގެޓެއް ކަަމަށް ބުނެ އީރާނުން އެމެރިކާ އަށް އިންޒާރު ދީފިއެވެ.
އެމެރިކާއިން އީރާނުގެ ތިން ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކާއި ގުޅިގެން އީރާނުގެ ދައުލަތުގެ ޓެލެވިޜަނުން ހާމަ ކުރި ގޮތުގައި، އެމެރިކާ އިން އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ބޮން އެޅުމާއެކު، މިހާރު ހުޅަނގު އޭޝިޔާގައި ހުރި ކޮންމެ އެމެރިކާ ރައްޔިތަކު ނުވަތަ ސިފައިންގެ މީހަކީވެސް އަމާޒެއް ކަމަށެވެ.
އެމެރިކާ އިން ރޭ ފަތިހުގެ ވަގުތެއްގައި އީރާންގެ ނިއުކްލިއާ ފެސިލިޓީތަކަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ބޮޑު ގެއްލުމެއް ނުވާ ކަމަށް އެގައުމުން ބުނެ އެވެ.
"އެމެރިކާ އިން އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެ، އީރާނާ ދެކޮޅަށް ޖަރީމާ އެއް ހިންގައިފިއެވެ. އެމެރިކާ އަށް ހުޅަނގު އޭޝިޔާ ސަރަޙައްދުގައި ޖާގަ އެއް ނެތެވެ. އެމެރިކާގެ ރައީސް އަރިހުގައި ދަންނަވަމެވެ، މަނިކުފާނު މިކަން ފެއްޓެވީއެވެ. އަޅުގަނޑުމެން މިކަން ނިންމާނަމެވެ،"
އީރާނުގެ ޓީވީ އިން ވަނީ އެ ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ ކުރެހުމެއް ދައްކާފައެވެ.
ހޮނިހިރު ދުވަހު އެމެރިކާ އިން ވަނީ ކުރިން އިއުލާނު ކުރުމެއް ނެތި ކުއްލި ގޮތަކަށް އީރާނުގެ ތިން ނިއުކްލިއަރ ސައިޓަކަށް ބޮން އަޅާފައެވެ. އެމެރިކާގެ ރައީސް ވިދާޅުވީ "ވަރަށް ކާމިޔާބު ހަމަލާއެއް" ދީފައިވާ ކަމަށެވެ.
އެމެރިކާގެ ނިއުކްލިއާ ފެސިލިޓީތަކަށް ބޮން އަޅަން ބޭނުން ކުރީ ބީ-2 މަތިންދާ ބޯޓެވެ. މިއ ީއެމެރިކާގެ އެންމެ ބަރު ބޮން ކަމަށްވާ މެސިވް އޯޑްނެންސް ޕެނެޓްރޭޓާ ބަރުކުރުމުގެ ގާބިލުކަން ހުންނަ މަތިންދާ ބޯޓެކެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި، އީރާނުގެ ބިމު އަޑީގައިވާ ފޯޑޯ ނިއުކްލިއާ ފެސިލިޓީ ގޮއްވާލެވޭނީ އެ ބޮން ބޭނުންކޮށްގެންނެވެ. އެ ބޮން އުފުލުމުގެ ގާބިލުކަން ހުންނަނީ ވެސް ހަމައެކަނި އެމެރިކާއިން ގެންގުޅޭ ބ-ީ2 މަތިންދާބޯޓުތަކުގައެވެ.