ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
އެކަމަށްޓަކައި ސަލްޓަންޕާކުގައި އެމްޑީޕީން މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ނަޝީދުގެ އިތުރުން އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެޓްސްއަށް ވަޑައިގެންނެވި މެމްބަރުންވެސް ވަނީ އެމްޑީޕީއަށް މިރޭ ސޮއި ކުރައްވާފަ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، އެމަނިކުފާނު އެ ޕާޓީން ވަކިވެވަޑައިގެންނެވިތާ ދެ އަހަރު ދުވަސް ފަހުންނެވެ.
އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށްފަހު ނަޝީދު ވަނީ އެޕާޓީގެ ޗެއާޕާސަން އާއި ކޮންގްރެސްގެ މެންބަރުންނަށް ޝުކުރުއަދާ ކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ ސިޔާސި މަސައްކަތުގައި އުޅުމުގެ ހަމައެކަނި ބޭނުމަކީ ދިވެހި ރައްޔިތުންގެ ހާލަތު ބަދަލު ކުރުން ކަމަށެވެ.
ޖަލްސާގައި ނަޝީދު ވިދާޅުވީ، އެމްޑީޕީ ނޫން ޕާޓީއެއް އޭޝިޔާ ތެރެއަކު ގައުމެއް ބަދަލުކޮށްލާކަށް އަދި ރައްޔިތަކަށް ހެވެއް ހޯދައިދޭކަށް ހަގީގަތުގައިވެސް ނެތް ކަމަށެވެ.
ނަޝީދާއި އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސްގެ އާންމު މެންބަރުން އެމްޑީޕީއާ އަލުން ގުޅުމަށް ނިންމީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.