ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް އެނބުރި އެމްޑީޕީއަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
އަލުން އެމްޑީޕީއާ ގުޅިވަޑައިގެން މިރޭ ސަލްޓަންޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބު މުހިއްމު ކަމަށާއި އެ އިންތިޚާބުން ރައީސް މުއިއްޒާއި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިވަޑައިގަންނަވާނީ އެންމެ 20 އިންސައްތަ ވޯޓު ކަމަށް އެ މަނިކުފާނު ވަނީ ހިސާބު ޖައްސަވައިފައެވެ.
"ރައީސް މުއިއްޒު އަޅުގަނޑު މިރޭ ދެންނެވީމާ ހިސާބު ޖައްސަވާތި، 20 އިންސައްތަ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނާއި ޑިމޮކްރެޓްސްގެ ލީޑާޝިޕު އެނބުރި ވަޑައިގަތުމުން މަރުހަބާ ކިޔަން މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި ދެ އަހަރު ފަހުން އަލުން އެނބުރި އެމްޑީޕީގެ ޕޯޑިއަމްގައި ހުންނަވާ ނަޝީދު ވިދާޅުވީ، މިރޭ އެ މަނިކުފާނަށް ކުރެއްވެނީ އެނބުރި ގެއަށް އާދެވުމުން ކުރެވޭ ފޮނި އިހުސާސް ކަމަށެވެ.
"އަލުން އަނބުރާ ރަށަށް އާދެވުމުން، ގެއަށް އާދެވުމުން އެވާ އުފާ، އެ ލިބޭ ހިތްހަމަޖެހުން، އެ އަންނަ ހިނި، އަޅުގަނޑަށް އަޅުގަނޑުގެ ހިތުން ދުވަހަކު ވެސް ފިލައިގެންނެއް ނުދާނެ،" ގިނަ ދުވަސްތަކެއްވަންދެން އެ މަނިކުފާނު ރައީސްކަން ކުރެއްވި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބުކުރައްވަމުން އަސަރާ އެކު ވިދާޅުވިއެވެ.