ޅ. އަދި ލ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްތައް ކަނޑައަޅަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ނިންމައިފިއެވެ.
ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ލ. ގަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯޯރިޤު އިބްރާހީމް ވިދާޅުވީ، ބަޔޯސްފިއަރ ރިޒާވް ހެދުމަށް ކަނޑައަޅާފައިވާ 3 އަތޮޅުގެ ތެރެއިން ލ. އަތޮޅާއި ޅ. އަތޮޅުގައި ބަޔޯސްފިއަރ ރިޒާވްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޅ. އަތޮޅުގައި ބަޔޯސްފިއަރ ރިސާވް ކަނޑައަޅަން، ބޭނުންވާ ހުރިހާ ދިރާސާއެއް މިހާރު ކުރިއަށްދާކަމަށާއި ލ އަތޮޅުގައި ބަޔޯސްފިއަރ ރިޒާވް ކަނޑައެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ޖަލްސާ ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ތިމާވެށި ރައްކާތެރިކުރުމަށް، ޚާއްސަކޮށް އަތޮޅު ފެންވަރުގައި ކުރެވޭ މަސައްކަތްތަކާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށް، އެ މަސައްކަތްތަކަށް ހިތްވަރުދިނުމެވެ. ޖަލްސާގެ ތެރެއިން ލ. އަތޮޅުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ދެމިހުރި މަސައްކަތްތައް ފާހަގަކޮށް ނެރެދީފައިވެއެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަހުގެ ޝިޢާރަކީ '#ޕްލާސްޓިކްގެ_ނުރައްކަލުން_ސަލާމަތްވޭ' (#BeatPlasticPollution) އެވެ. މި ޝިޢާރަކީ ޕްލާސްޓިކް ކުނި މަދުކުރުމާއި، އަޅުގަނޑުމެންގެ ބިމާއި ކަނޑުތައް ޕްލާސްޓިކްގެ ނުރައްކަލުން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރުގަދަ މެސެޖެކެވެ. މި ޖަލްސާއިން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވެއެވެ.
މިނިސްޓަރ ގެ ވާހަކަފުޅުގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމަށްޓަކައި ވުޒާރާއިން އިސްނަގައިގެން ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ގުޅިގެން ޢާންމު ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ވުޒާރާއިން ކުރައްވާ އެ މަސައްކަތުގައި ސްކޫލްތަކުގެ ދައުރުވެސް ވަރަށް ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
2028 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މިހާރު އޮތް 3 ބަޔޯސްފެއަރ ރިޒާވްއާއި ހިމާޔަތްކުރެވިފައިވާ 92 ސަރަޙައްދުގެ އިތުރުން، އިތުރު 3 ސަރަޙައްދެއްގައި ބަޔޯސްފެއަރ ރިޒާވް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، އަންނަ އަހަރުތެރޭ ތިން ވަނަ ބަޔޯސްފިއަރ ރިސާވް ކަނޑައެޅުމަށް ޕްރޮޕޯސަލްތައް ހުށަހަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.