ސްރީލަންކާގައި ކުޑަ ކުއްޖަކު ހަށި ވިއްކުވަން އުޅުނުކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫސްތަކުގައި ބުނީ 15 އަހަރުގެ އެ ކުއްޖާ ހަށި ވިއްކުވުމުގެ ތުހުމަތު ކުރެވެނީ ދިވެއްސެއްގެ އިތުރުން ތިން ލަންކާ މީހުންނަށެވެ. ހައްޔަރު ކުރި މީހުންގެ ތަފްސީލު ހާމައެއް ނުކުރެ އެވެ.
މައުންޓް ލެވީނިއާ ސަރަހައްދުގައި ފެންމަތިވި މި ހާދިސާއާއި ގުޅިގެން އިތުރު ބައެއްގެ މައްޗަށްވެސް ރޭޕްގެ ތުހުމަތު ކުރެ އެވެ. ގާތްގަނޑަކަށް 44 މީހަކު މިމައްސަލައިގައި ފާހަގަކުރެވިފައިވާކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
މައުންޓް ލެވީނިއާ ސަރަހައްދަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ސަރަހައްދެކެވެ.
ކުޑަކުއްޖާ ހަށި ވިއްކުވަން އުޅުނު ލަންކާ ތިން މީހުންނަކީ ހޮޓަލެއް ހިންގާ ތިން މީހުން ކަމަށް ވެއެވެ. އެ ތިން މީހުންގެ ހޮޓަލަށް ކުޑަކުއްޖާ ގެނަސް ހަށި ވިއްކާ ކަމަށް ފުލުހުންނާ ހަވާލާ ދީ ހަބަރުތަކުގައި ވަނީ ބުނެފަ އެވެ.
15 އަހަރުގެ ކުއްޖާއަށް ޖިންސީ އަނިޔާތަކެއް ލިބިފައިވާއިރު ލިބުނު އަނިޔާތަކަށް މިހާރު ގެންދަނީ ލަންކާ ހޮސްޕިޓަލެއްގައި އެޑްމިޓުކޮށް ފަރުވާ ދެމުންނެވެ.
މިމައްސަލައިގައި އެކުއްޖާ ހަށި ވިއްކުމަށް އޮންލައިންކޮށްވެސް އިޝްތިހާރު ކޮށްފައި ވެއެވެ. އެކަމުގައި އުޅުނު ދެ މީހަކުވެސް ހައްޔަރު ކުރި އެވެ.