ދިވެއްސަކު ރަހީނުކޮށްގެން އުޅުނު މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
މާލޭ ގެއެއްގެ ތެރޭގައި ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓާފައި އަނިޔާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ ޖުލައި 2 ވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަޙުޤީޤުން ކުރި މަސައްކަތުން އެ މީހާ ހުރި ތަން ހޯދައި، އިއްޔެ އެމީހާ ސަލާމަތްކޮށްފައިވާއިރު، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައެވެ.
މިގޮތުން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު (48 އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހިފަހައްޓައިގެން ގެންގުޅެ އަނިޔާކޮށްފައިވާ މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އެއީ 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.