ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެކަމަށް ސޯޝަލް މީޑިއާގައި ބުނި މީހާގެ ބަންދަށް 7 ދުވަސް ޖަހައިދީފި އެވެ.
ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ބަންދަށް 7 ދުވަސް ކޯޓުން ޖަހައިދިނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.
މި އިންޒާރާއި ގުޅިގެން އިންޑިއާ އެމްބަސީގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފަ އެވެ.
ސެކިއުރިޓީ ވަރުގަދަ ކުރަން އެދި ސަލާމަތީ ހިދުމަތްތަކުގައި އެދުނީ ފޮރިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ އިންޑިއާ އަދި ޗައިނާ އެމްބަސީން އެކަމަށް އެދުނީ އިދިކޮޅު ހަބަރުތައް ގެނަސްދޭ އޮންލައިން ނޫހަކުން އެތަންތަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމުން ކަމަށެވެ.
އެހެންނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި 42 އަހަރުގެ މީހާ އަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި ރާއްޖޭގައި ހުންނަ އެހެން ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ އެ މުއައްސަސާގެ މައްޗަށް ލާޒިމް ކަމެކެވެ. އެފަދަ މިޝަންތަކާއި ދެކޮޅަށް ހަބަރު ފަތުރައި ރާއްޖެއާއި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ބުރޫ އަރާގޮތަށް ވާހަކަ ދެއްކުމަކީ ހިތާމަ ކުރާ ކަމެއް ކަމަށްވެސް ފުލުހުން މީގެ ކުރިން ބުންޏެވެ.
ފުލުހުން މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއްކަމަށް ސޯޝަލް މީޑިއާގައި ބުނި މީހަކުވެސް ހައްޔަރުކޮށްފަ އެވެ. އެމީހާ ފަހުން ދޫކޮށްލީ މައްސަލަ ބަލައި ޕީޖީއަށް ފޮނުވުމަށްފަހު އެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ ދޫކޮށްލީ މައްސަލައިގައި ވަށައިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެވެ.