ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދުތައް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކުން ހުއްދަ ނެގުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާހުކޮށް، ގެޒެޓުގައި ޝާއިޢުކޮށްފައިވެއެވެ.
މި ގަވާއިދުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެކުރާނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ހުއްދަ ނަގަންޖެހޭ ބަޔަށް ޢަމަލުކުރުން ފަށާގޮތަށް ކަނޑައަޅަފައި އޮތީ މިމަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ޝާއިޢުކޮށްފައިވާ އިޢުލާނެއްގައި ވަނީ ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މިމަހުގެ 13އިން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ.
އެހެންކަމުން މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި، ވުޒާރާގެ ޕޯޓަލް "eportal.mta.gov.mv" މެދުވެރިކޮށް މިހާރު ހުށައެޅޭނެކަމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.