އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަމާނަ ދަތުރުފުޅެއްގައި ދެންމެ ރާއްޖެ ވަޑައިގެންފި އެވެ.
ނަރެންދްރަ މޯދީ މިއަދު ހެނދުނު ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުއްވައިފަ އެވެ.
މޯދީ ވަނީ މަތިންދާބޯޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ އެކު ބައްދާލައްވައި ދެ ގައުމުގެ ގާތްކަން ހާމަކޮށްދެއްވައިފަ އެވެ. މިއީ ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭރު ގައުމެއްގެ އިސްވެރިއަކު ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީގެ މި ދަތުރުފުގެ ތެރެއިން މިއަދާއި މާދަމާ ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. އެ ގޮތުން، މާދަމާ ފާހަގަކުރާ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ޝަރަފުވެރިކޮށްދެއްވާނީ މޯދީއެވެ.
އެ ދަތުރުފުޅާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޯދީ ވިދާޅުވީ، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ. އަދި، މި އަހަރަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެސް 60 އަހަރު ފުރޭ މުނާސަބުކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒާ އެކު ބާއްވަވައި މަޝްވަރާތަކުގެ ތެރެެއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރަން އުންމީދުކުރައްވާ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.