އިންޑިއާ ސަރުކާރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް 72 ވެހިކަލް ހަދިޔާކޮށްފިއެވެ. މި ވެހިކަލްތައް ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި ބޮޑުވަޒީރު މޯދީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލުކޮށްދެއްވިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި މި ވެހިކަލްތަކަކީ މިއަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިނުމަށް އެއްބަސްވި ވެހިކަލްތަކެވެ. އެ ދަތުރުފުޅުގައި ޣައްސާން މައުމޫން އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތް ސިންހާއެކު ބައްދަލުކުރައްވައި، މި ވެހިކަލްތައް ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
އިންޑިއާއިން ހަދިޔާކުރި ވެހިކަލްތަކުގެ ތެރޭގައި ހިމެނެނީ 8 ބަސް، 10 ޕިކަޕް، 10 މިނީ ވޭން، 10 ވޭން، 5 ލޮރީ، 8 ޓްރެކްޓަރު، 4 ޓިޕަރ ޑަމްޕް ޓްރަކް، 4 ބެކްހޯ ލޯޑަރު، 2 ކްރޭން، 6 މިނީ އެކްސްކެވޭޓަރު އަދި 5 އެކްސްކެވޭޓަރެވެ. މި ވެހިކަލްތަކުން ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.