ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ހާލަތެއްގައި ވެސް އިންޑިއާއަކީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ގައުމު ކަމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަށް ރާއްޖެ ވަޑައިގެންނެވި މޯދީ މިފަދައިން ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ރަސްމީ ބައްދަލުވުންތަކަށްފަހު ދެއްވި ބަޔާނުގައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ.
ދެ ގައުމުގެ ސިޔާސީ ގުޅުން ގާއިމްވެގެން 60 އަހަރު ފުރިނަމަވެސް، ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އެއަށްވުރެ ކުރީ ޒަމާނުގައި ފެށިފައިވާ ގުޅުމެއް ކަމަށް މޯދީ ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމު ކަމަށާއި، އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރު" ތަސައްވުރުގައި ރާއްޖެއަށް މުހިންމު މަގާމެއް އޮތްކަން އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއިން އެންމެ އިތުބާރުކުރާ ގައުމުގެ ގޮތުގައި އިންޑިއާ ހޮވުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވެ، އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު މަޝްރޫއުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާގެ ދެމެދުގައި 8 އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާކަން މޯދީ އިއުލާންކުރެއްވިއެވެ. ސަރަހައްދީ ސުލްހަމަސަލަސްކަމާއި ތަރައްގީއަށް ދެ ގައުމު އެކުގައި މަސައްކަތް ކުރަމުން ގެންދާނެކަން ވެސް އެމަނިކުފާނު ވަނީ ޔަގީންކަން ދެއްވާފައެވެ.
އިންޑިއާ އަބަދުވެސް ތިބޭނީ ރާއްޖެއާ އެކުގައި ކަމަށް ވިދާޅުވެ ބޮޑުވަޒީރު މޯދީ ވާހަކަފުޅު ނިންމަވާލެއްވިއެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމާއި، މޯދީ ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ވެސް މެއެވެ.