ސްރީލަންކާގެ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އެގައުމުގެ އިގުތިޞާދީ ހާލަތު ކުރިއެރުވުމަށް ކުރެއްވި މަސައްކަތްޕުޅަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ތައުރީފު ކުރައްވާފައިފިއެވެ.
ރައީސް މިކަމަށް ތަޢުރީފު ކުރެއްވީ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރައްޖެއަށް ވަޑައިގެންނެވި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައެވެ.
އެގޮތުން، ޑިސަނަޔަކަގެ ވެރިކަމުގެ ދަށުން ދެމެހެއްޓެނެވި އިގްތިޞާދަކާ ދިމާއަށް ލަންކާއަށް ދަތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ލަންކާ ސަރުކާރުގެ ފަރާތުން އެގައުމުގައި ދިރިއުޅޭ ދިވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރާއްޖެއާ ލަންކާއަކީ ޖިއޮގްރަފީ ގޮތުން ވެސް ގުޅިފައިވާ ދެގައުމު ކަމާއި ދެގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމުގެ މައިގަނޑު 'ބިންގަލަކީ' ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މިއަދުގެ ބައްދަލުކުރެއްވުމުގައި އެ ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރާއްޖެއާއި ސްރީ ލަންކާ ގުޅިގެން މަސައްކަތް ކުރާނެ ގިނަ ދާއިރާތަކެއް ހޯދިއްޖެ ކަމަށާއި ކުރިއަތް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ރައީސް މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.