ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭ ގޮތަށް ޓްރަސްޓް ފަންޑް ހިންގުމުގެ ގަވާއިދު އާންމުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި ގަވާއިދު ބުނާގޮތުން މި ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް، ޓްރަސްޓް ފަންޑު ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ މިނިސްޓްރީންނެވެ. އަދި ފަންޑު ހިންގަންވާނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ކަމާބެހޭ އެހެނިހެން ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެހެނިހެން ފަންޑުތަކާ ވަކިން ކަމަށް އެ ގަވައިދުގައި ވަނީ ބުނެފަ އެވެ.
އަދި ފަތުރުވެރިކަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނީ ވެސް މިނިސްޓްރީންނެވެ. އެ ކޮމިޓީގައި ހިމެނޭނީ ވަޒީރު ކަނޑައަޅުއްވައި، އައްޔަނުކުރައްވާ ހަތް މެންބަރެކެވެ. އެ ހަތް މެންބަރުން ހިމެނޭ ދާއިރާތަކަކީ:
– ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
– ފަތުރުވެރިކަމާ ބެހޭ ވުޒާރާ
– މާލީ ވުޒާރާ
– އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ
– ބަންޑާރަނައިބުގެ އޮފީސް
– ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ
– މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އެ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓަން ޖެހެނީ ގަވާއިދުގައިވާ ގޮތުން ފަތުރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެހެންވެ، ކޮމިޓީ އަށް ހާއްސަ ސެކްރެޓޭރިއޭޓެއް އެ ވުޒާރާއިން ގާއިމްކޮށްދޭން ޖެހެ އެވެ.
ޓޫރިޒަމް ޓްރަސްޓް ފަންޑެއް އެކުލަވައިލުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފެންވަރު ދަމަހައްޓައި، އެ ސިނާއަތުގެ ފައިދާ ދެމެހެއްޓެނިވި ގޮތުގައި ލިބޭނޭ ގޮތް މަގުފަހިކުރުމެވެ.
އެ ފަންޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު އެފަދަ އެހީތައް ޒިންމާދާރުގޮތެއްގައި އަމާނާތްތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކުރުމެވެ. އަދި ފަންޑުގެ ގޮތުގައި ސަރުކާރަށް ލިބޭ ފައިސާ ޚަރަދުކުރާނެ ގޮތާއި، އެހެނިހެން ކަންކަމުގައި ފައިސާއާމެދު އަމަލުކުރާނެ ގޮތް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ނިންމުމެވެ.