ފުވައްމުލަކު ސިޓީގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި، ޒުވާން ފިރިހެން ކުއްޖަކު ރޭ ނިޔާވެއްޖެއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން 17 އަހަރުގެ ޒުވާން ކުއްޖެކެވެ.
މި އެކްސިޑެންޓު ހިނގީ ފުވައްމުލަކު ފުނާޑު އަވަށުގެ ހުސްނުހީނާ މަގުގައި ރޭ ދަންވަރު 2:30 ހާއިރުއެވެ. މި އެކްސިޑެންޓު ހިނގީ ސައިކަލް ކަހާލައިގެން ގޮސް ތަނެއްގައި ޖެހިގެންކަމަށް ބެލެވޭ ކަމުގައި އެރަށުން މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި ސައިކަލް ދުއްވަން އިން ކުއްޖާގެ ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެއެވެ. ކުއްޖާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އެކްސިޑެންޓު ހިނގި ގޮތް މިހާރު ފުލުހުން ތަހުގީގު ކުރަމުންނެވެ. އެކްސިޑެންޓާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.