މަކަރާއި ހީލަތުން ފައިސާ ފޭރުނު މީހަކު ފުލުހަށް ހާޒިރުވާން އަންގައި އިއުލާންކޮށްފިއެވެ.
ފުލުހުންގެ ވެބްސައިޓްގައި ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ އަޙްމަދު ތަސްލީމް، ދިގުވާނޑު.މާޒީ / ޏ.ފުވައްމުލައް (31އ) އަކީ ހުޅުމާލެ ފޭސް އެކެއްގެ ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަޙްމަދު ތަސްލީމް ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ބުން ފިޔަވައި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާއި ގުޅޭ ގޮތުން ފުލުހުން އެއްވެސް ތަފްސީލެއް ނުދެއެވެ.
ފުލުހުންގެ އިއުލާންގައި ބުނެފައި ވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުގެ 10:30 އަށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް އަޙްމަދު ތަސްލީމް ހާޒިރުވާން އަންގައި އިއުލާން ކުރާކަމަށެވެ.