ހ. ފެންޓެނޯއީ ގެއިން, މިޓާޒްގޭ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އަދިވެސް އޭނާގެ ބަޔާން ނެގިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހިނގި މި ހާދިސާއަށް ގާތްގަނޑަކަށް ހަތަރު މަސްވާން ކައިރިވެފައިވާއިރު، އެމައްސަލާގައި އުފެއްދި ހާއްސަ ރިޔާސީ ކޮމިޝަނުގެ މަސައްކަތްވެސް ނިންމައި ރިޕޯޓްނެރެ، ކޮމިޝަންވެސް މިހާރު ވަނީ އުވާލާފައެވެ. ނަމަވެސް ކޮމިޝަންގެ ރިޕޯޓްވެސް ނިންމީ ޔުމްނުގެ ބަޔާން ނުހިމަނައެވެ.
ފުލުލުންގެ މީޑިއާ ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޔުމްނުގެ ބަޔާން އަދި ނުނެގޭކަމަށެވެ.
ޔުމްނުގެ ބަޔާން ނަގަން އާއިލާއިން އެއްބާރުލުން ނުލިބޭކަމަށް ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގައިވެސް ވެއެވެ. އަދި ފުލުހުންވެސް އެކަން މީގެކުރިން ފާހަގަކޮށްފައި ވެއެވެ.
ފުލުހުން މީގެކުރިން ބުނީ، ޔުމްނުގެ ބަޔާން ނަގަން، ތަކުރާރުކޮށް އާއިލާއާ މުއާމަލާތު ކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އާއިލާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މެލޭޝިއާ ފުލުހުންނާ ގުޅިގެންވެސް އެ މަސައްކަތް ދިވެހި ފުލުހުން ފެށިއެވެ.
އެކަމާއި ގުޅިގެން ޔުމްނުގެ އާއިލާއިން ބުނީ، މިހާތަނަށް އެފަދަ ހުރަހެއް ކުރިމަތިކޮށްފައި ނުވާނެ ކަމަށެވެ. ޔުމްނުގެ ބަޔާނެއް ނެގުމަށްޓަކާ ރަސްމީކޮށް ލިޔުމުން އަންގައިފި ނަމަ އެކަމަށް އާއިލާގެ ފަރާތުން ޖަވާބުދާރީވާނެކަމަށް ބުނެފައި ވެއެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ކޮމިޝަނުން ނެރުނު ރިޕޯޓްގައިވަނީ، ޔުމްނު ވައްޓާލުމުގެ ފުރުސަތު ހަނިކަމަށެވެ. އެގޮތުން، ޔުމްނު އެ ގެއަށް ދިޔައީ އަމިއްލަ އިހްތިޔާރުގައި ކަމާއި، އޭނާއަށް އަނިޔާއެއް ދިނުމުގެ މަގުސަދުގައި ރައުދު އެ ގެއަށް ގެންދިޔަކަން އެނގެން ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ޔުމްނު ވެއްޓުމުން ރައުދު އޭނާ ހޯދަން މަސައްކަތްކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ޔުމްނު އަމިއްލަ އިހްތިޔާރުގައި ފުންމާލީ ކަމަށް ވެސް ކަނޑައެޅެން ނެތް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އެއީ ޔުމްނު އެއްވެސް ކަމަކާ ދެރަވެގެން އަމިއްލަ ނަފުސަށް އަނިޔާއެއް ދޭން އުޅޭކަން ސީސީޓީވީ ފުޓޭޖުތަކުންނާއި ހެކިންގެ ހެކިބަހުން އެނގެން ނެތުމުގެ ސަބަބުންނެވެ.