ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރައްވައިފިއެވެ.
މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ޣަނީއަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. އުއްތަމަ ފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު ޣަނީ ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
ޣަނީ ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލްއެލްބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ.
އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުން ކަމަށް މިއަދު ރައީސް އޮފީހުން ބުންޏެވެ.
އުއްތަމަ ފަނޑިޔާރުކަމާއި ޙަވާލުވެވަޑައިގަތުމާއި ހަމައަށް ޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ.
ޣަނީ ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސާރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ.
ޣަނީ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖުޑިޝިއަލް ސާރވިސް ކޮމިޝަނުން ރައީސްއަށް ލަފާދެއްވުމުން އޭނާގެ ނަން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. ޣަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ފާސްކުރެއްވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.