ޓެކްސް ދެއްކުން ފަސްކުރާ ނުވަތަ ދައްކަން ޖެހޭ ޓެކްސް ނުދައްކާ ފަރާތްތައް ޖަލަށް ލެވޭ ގޮތަށް، ޓެކްހާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.
މެންބަރު މުހައްމަދު އިސްމާއީލް މަޖިލީހަށް ހުށަހެޅުއްވި މި ބިލުގެ މައިގަނޑު މަޤްޞަދަކީ، ޓެކްހާބެހޭ އިދާރީ ގާނޫނު އަށް އިސްލާހު ގެނެސް، ޓެކްސް ނިޒާމު ހަރުދަނާކުރުމެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ ކަންކަމަކީ:
- މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބިފައިވާ ގާނޫނީ ހައިސިއްޔަތު އިތުރަށް ސާފުކުރުން
- ޓެކްސްގެ ދަރަނި ކަނޑައެޅުމުގެ ގާނޫނީ ބާރު މީރާއަށް މިނިވަންކަމާ އެކު ލިބިދިނުން
- ޓެކްސްގެ އުސޫލުތަކާއި، ޓެކްހާ ގުޅޭ ތަކާއި އަދަބުތަކަށް ބަދަލުތައް ގެނައުން
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ސަބަބުތައް މެންބަރު މުހައްމަދު އިސްމާއީލް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ޓެކްސް ދައްކަން ޖެހޭ ފަރާތްތަކުން ހުށަހަޅާ ޓެކްސް ބަޔާންތަކުގައި ދައްކަން ޖެހޭ ޓެކްސް މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރު މީރާއަށް ލިބިދިނުމަކީ ބިލުގެ މުހިންމު އެއް ކަމެވެ.
މީގެއިތުރުން މީރާއިން ހިންގާ އޮޑިޓްތަކާއި ތަހުގީގުތަކާއި، ހިންގުމުގެ އުސޫލުތަކާއި އިޖުރާއަތްތައް ގާނޫނުގައި ހިމެނުމާއި ޓެކްސްގެ ގޮތުގައި ލިބިގަންނަން ޖެހޭ ފައިސާ ހޯދުމުގައި މީރާއަށް ލިބިގެންވާ ބާރުތައް މުރާޖަޢާކޮށް، އިތުރަށް ހަރުދަނާކުރުންވެސް މި ބިލު ހުށަހެޅުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މެންބަރު ވިދާޅުވިގޮތުގައި މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ޓެކްހާ ގުޅޭ ކުށާއި ކުށުގެ އަދަބުތައް އިސްލާހުކޮށް، ޓެކްސްގެ ނިޒާމު ތަންފީޒުކުރުން ހަރުދަނާކުރުންވެސް ހިމެނެއެވެ.
މެންބަރު މުހައްމަދު އިސްމާއީލް އިތުރަށް ވިދާޅުވި ގޮތުގައި، މި އިސްލާހު މުހިންމުވަނީ އެކަމުގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހެޅުމުގައި މީރާއަށް ދައްކަން ޖެހޭ ޓެކްސް ދެނެގަތުމުގެ ފުރުސަތު މިހާރު ޢަމަލުކުރަމުންދާ ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައި ނެތުމުންނެވެ.
މި އިސްލާހުގެ ދަށުން، ދައްކަން ޖެހޭ ޓެކްސް ފައިސާ ރަސްމީ އިވެލުއޭޝަންތަކާއި، ރެކޯޑުގައިވާ ވިޔަފާރީގެ މުޢާމަލާތްތަކާއި މަޢުލޫމާތުތައް ބޭނުންކޮށްގެން ކަށަވަރުކުރެވިގެންދާނެއެވެ.
މި ބިލަކީ 2010 ވަނަ އަހަރު ޢަމަލުކުރަން ފެށި ޓެކްސް ގާނޫނަށް ގެނެވޭ ހަތަރުވަނަ އިސްލާހެވެ. މީގެ ކުރިން މި ގާނޫނަށް 2019 އަދި 2020 ވަނަ އަހަރު އިސްލާހުތަކެއް ވަނީ ގެނެވިފައެވެ. މި އިސްލާހުގެ ސަބަބުން ޓެކްސް ނިޒާމު އިތުރަށް ހަރުދަނާވެ، ޓެކްސް ދައްކާ ފަރާތްތައް ޖަވާބުދާރީކުރުމާއި ޒިންމާދާރުކުރުން ވަރުގަދަވެގެންދާނެ ކަމަށް ވެސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
+1
+1
+1
+1
+1
+1