މާލޭގައި ހިންގަމުން އައި ބަނގުރާ އުފައްދާ ފެކްޓްރީއަކުން 507 ފުޅި ބަނގުރަލާއި، ބަނގުރާ ކައްކަން ބޭނުންކުރާ ސާމާނާއެކު ތިން ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހަކާއި އިންޑިއާގެ ދެ މީހުންނެވެ.
ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މ.ރަންފިޔަ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއެވެ.
ފުލުހުން ބުނީ މި ފެކްޓްރީން އުފައްދާ ބަނގުރަލުގެ ފުޅިއެއް ވިއްކަމުން ގޮސްފައިވަނީ 150 ރުފިޔާއަށެވެ. ރޭ އަތުލައިގަތް ބަނގުރަލުގެ އަގު އެކަނި 75,000 ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތި އެ ސަރަހައްދުގެ ކަންމަތީ ފިހާރަތަކުން ވެސް ވިއްކާފައި ވެއެވެ.
ފުލުހުން މިހާރު ވަނީ ބަނގުރާ ކައްކަން ބޭނުންކުރި ސާމާނާއި، ބަނގުރާ އަޅާފައި ހުރި ފުޅިތައް ފުލުހުން ބެލުމުގެ ދަށަށް ގޮސްފައެވެ.