ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ އެއާލައިނެއް ކަމަށްވާ އެއާ އަރަބިއާއަށް ހިދުމަތް ދޭން ފަށައިފި އެވެ.
އެއާ އަރަބިއާއަކީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ބޭރުގެ ފުރަތަމަ އެއާލައިނެވެ. އަދި އެ ޓާމިނަލުން ހިދުމަތް ދޭން ފެށި ދެވަނަ އެއާލައިނެވެ. އާ ޓާމިނަލުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފަށާފައިވަނީ ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން އެވެ.
ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ވަނީ އެއާ އަރަބިއާގެ ދަތުރުތައް އާ ޓާމިނަލުން ފެށުމުގެ ގޮތުން ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ.
އެއާ އަރަބިއާ އިން މިހާރު ރާއްޖެއަށް ހަފްތާއަކު އެއް ފްލައިޓް ބާއްވަ އެވެ. އެ އެއާލައިނުގެ ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އާ ޓާމިނަލަށް ހިދުމަތް ބަދަލު ކުރަން ތައްޔާރުވާ އެއާލައިންތަކުގެ ތެރޭގައި ޗޮންޖިން އެއާލައިންސް، ބިއޯންޑް، ޒިއަމެން އެއާ، އޮމާން އެއާ، ފިޓްސް އޭވިއޭޝަން، ޔޫއެސް ބަންގްލާ އެއާލައިންސް، ބެންކޮކް އެއާވޭސް އަދި ބެޓިކް އެއާވޭސް ހިމެނެ އެވެ.