އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ޔޫތު އެޑްވައިޒަރީ ބޯޑުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިދިޔަ އަހަރު އޮގަސްޓް މަހު އެ ބޯޑަށް އައްޔަންކުރެއްވި މާހިލް, މިއަދު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވަނީ ތައުލީމު ހާސިލުކުރައްވައި ނިންމެވުމަށް ފަހު ގައުމަށް ޚިދުމަތް ކުރައްވާނެ ކަމަށެވެ.
އިސްތިއުފާއާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވައެވެ.
ޒުވާނުންގެ ކަންކަމުގައި ރައީސަށް ލަފާ އަރުވާ ބޯޑުން މާހިލް އިސްތިއުފާ ދެއްވާފައި މިވަނީ ރާއްޖެއަށް އެތެރެކޮށް, ބޭނުންކުރުން ވެސް މިސަރުކާރުން މަނާކޮށްފައިވާ ވޭޕް ސާމާނުތަކެއް, އޭނާ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެއައިރު ގެނައި ލަގެޖުން ފެނި, ޖޫރިމަނާކޮށްފައިވަނިކޮށެވެ.
މީގެ ކުރިން ޒުވާނުންތަކެއް މާލޭގައި މަސްތުވާތަކެއްޗާ އެކު ޕާޓީކުރި މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވިފައި ވަނިކޮށް, ޔޫތު އެޑްވައިޒަރީ ބޯޑުގެ ރައީސް ދާއޫދު އަހުމަދު ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައި ހުންނެވި, ދާއޫދުގެ މައްޗަށް ފަހުން ވަނީ, ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާން ދިން ކަމަށް ތުހުމަތު ކޮށްފައެވެ. އެހެންވެ، ރައީސް ވަނީ އޭރު މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި ދާއޫދު މަގާމުން ވަކިކުރައްވައިފައެވެ.