މޯލްޑިވިއަން ޖެންޑާ އިކުއަލިޓީ މޮޑެލް (އެމްޖެމް) އެޑްވޮކޭޓުންގެ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ.
އެމްޖެމް އެޑްވޮކޭޓުންނަކީ 2019 ވަނަ އަހަރު ތަސްދީގުކޮށްފައިވާ މިންތީގެ ހަމަހަމަކަމާއި ބެހޭ ގައުމީ ސިޔާސަތާ ގުޅިގެން 2022 ވަނަ އަހަރު އިފްތިތާހުކޮށްފައިވާ ނެޝަނަލް ޖެންޑާ އިކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން ދައުލަތުގެ އިދާރާތަކުގައި މީންތީގެ ހަމަހަމަކަން ގާއިމްކުރުމަށާއި އަންހެނުން ބާރުވެރި ކުރުމަށް ދައުލަތުގެ ވުޒާރާތަކުން ކަނޑައަޅާފައިވާ ފަރާތްތަކެވެ.
އެމްޖެމް އަކީ ގައުމީ މިންތީގެ ހަމަހަމަކަމުގެ ލަނޑުދަނޑިތަކާއި ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ހާސިލް ކުރުމަށް ކުރެވޭ ކަންކަން ދެނެގަނެ، އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ހަރުދަނާކޮށް، ހާސިލްކުރުމަށް އެކުލަވާލާފައިވާ ނިޒާމެކެވެ. އެގޮތުން ނިޒާމުގެ ދަށުން އެމްޖެމް އެޑްވޮކޭޓުން ކަނޑައެޅުމުގެ މަގްސަދަކީ، ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށް ގާނޫނާއި ގަވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް މަގުފަހިކުރުމެވެ.
ދައުލަތުގެ ވުޒާރާތަކާއި، މިނިވަން މުއައްސަސާއަކާއި، ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން 70 ފަރާތެއްވަނީ އެމްޖެމް އެޑްވޮކޭޓުންގެ ގޮތުގައި ކަނޑައަޅާފައެވެ.
އެޑްވޮކޭޓުންގެ ހައިސިއްޔަތުން މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާ މުވައްޒަފުންނަކީ އެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އިސް ދައުރެއް އަދާ ކުރާނެ ފަރާތްތަކެކެވެ. އެ މަގާމަށް ހޮވުމުގައި އަންހެން މުވައްޒަފުންނަށް އޮޓަމެޓިކުން ހަވާލުކުރުމުގެ ބަދަލުގައި، ފިރިހެން މުވައްޒަފުންނަށްވެސް އެ މަޤާމަށް ކުރިމަތިލުމަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
ކޮންމެ އެޑްވޮކޭޓަކީ އެ އިދާރާއެއްގައި މަދުވެގެން 2 އަހަރު މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އެމްޖީއީއެމް އެޑްވޮކޭޓުންނަކީ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުގައި އެކަށީގެންވާ ގޮތެއްގައި ބައިވެރިވެވޭ ފަދަ ސީނިއާ ފެންވަރުގެ ފަރާތަކަށް ވާންޖެހެއެވެ. މިއީ އެ ފަރާތްތަކުގެ ބައިވެރިވުމަކީ ހަމައެކަނި ރަމްޒީ ބައިވެރިވުމެއްގެ ބަދަލުގައި މާނަހުރި ބައިވެރިވުމަކަށް ހެދުމަށްޓަކައި ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.