މިނިވަން މީޑިއާ ނެތިކޮށްލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އަޑު އުފުލަން ރައްޔިތުންގެ މަޖިލިސް ކައިރީގައި ނޫސްވެރިން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
ދައުރުން ބޭރުގައި މިއަދު ކުރިއަށް ގެންދާ ޖަލްސާއަށް، މީޑިއާ ބިލު ބަހުސް ވަނީ އެޖެންޑާކޮށްފައިވެ އެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިތުރަށް ބައެއް ސިޔާސީ ޕާޓީތަކުން ވެސް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ އިރު، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެންބަރުން ވަނީ ބިލު ފާސް ކުރަން ވޯޓް ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅީ ކުރިން ވެސް މީޑިއާތަކުހެ ބާރު ކަނޑުވައިލަން ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.
ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.
މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.