ގެއްލިގެން ހޯދަމުންދިޔަ "ކޮލަމާ ބޯޓު" ފެނިފައިވާ ކަމަށާއި، އެ ބޯޓުގެ ކައްޕި ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ކޮލަމާ ބޯޓު ފެނިފައިވާ އެކެފަރަ ސަރަހައްދުން ކަމަށާއި، މިކަމާ ގުޅެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 13:25 ހާއިރު ކަމަށެވެ.
މީގެ އިތުރުން އެ ބޯޓުގެ ކެޕްޓަން ޕޮލިސް ލޯންޗެއްގައި ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ކެޕްޓަން ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮލަމާފުށީ، އާދަމް ސައީދު ކިޔާ އުމުރުން 66 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ސައީދު ޚަބަރު ހުސްވީ ބޯޓުގެ އޮޓޯ ޕަމްޕުގެ މައްސަލައެއް ދިމާވެގެން އިންޖީނު ރޫމަށް ފައިބައިގެން އުޅުމުގެ ތެރޭގައެވެ. މަރުވި ކަމަށް ބެލެވެނީ ކަރަންޓު ޖެހިގެން، ރޭގެ ވަގުތެއް ކަމަށް އެމީހާ ބުންޏެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައީދު ހަށިގަނޑުހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ބޭރުފުށުން އަނިޔާތަކެއް ފެންނަން ހުއްޓެވެ.
އެ ބޯޓުގައި ތިބި ފަޅުވެރިންނާ ގުޅޭ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.