ކީރިތި ރަސޫލާއަށް އިހުތިރާމުނުކުރާ މީހުންގެ އަމަލުތައް ބާތިލުވެދާނެކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލީ، ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ ވާހަކައިގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ޖިންނީންނާއި އިންސާނުންނަށް ތެދު މަގު ދެއްކެވުމަށްޓަކައި ފޮނުއްވި ކީރިތި ރަސޫލާ ދެކެ ލޯބިވުމަށް ﷲ އަންގަވާފައިވަނީ، ސަބަބުތަކެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން، ޚުތުބާގައި ވަނީ ކީރިތި ރަސޫލާ ދުނިޔެއަށް ފޮނުއްވުމުގެ ކުރިން ދުނިޔެ އޮތް ގޮތް ސިފަކޮށް، ކިޔައިދީފައެވެ.
"އަދި، އެއުރެން އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވީ ހިނދު، ކަލޭގެފާނުގެ އަރިހަށް އެއުރެން އައިސް، ފާފަފުއްސެވުމަށް اللَّهގެ ޙަޟުރަތަށް ދަންނަވައި އެދުނު ނަމަ، އަދި ރަސޫލާ އެއުރެންނަށް ފާފަފުއްސެވުމަށް އެދިވަޑައިގެން ދުޢާކުރެއްވި ނަމަ، ގިނަގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙީމުވަންތަ ކަލަކުކަމުގައި އެއުރެން اللَّه ދެކޭނެކަން ކަށަވަރެވެ." ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ރަސޫލާ ދެކެ ލޯބިވުމަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ. އެގޮތުން، މިއަދު ރަސޫލާ ދެކެ ލޯބިވުމުގެ ތެރޭގައި އެކަލޭގެފާނުގެ ޝަޚުޞިއްޔަތާއި ސުންނަތް ދިފާޢުކުރުމާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި އަނބިއަނބިކަނބަލުން ދިފާޢުކުރުން ހިމެނޭކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
ކީރިތި ރަސޫލާއަށް އިހުތިރާމުނުކުރާ މީހުންގެ އަމަލުތައް ބާތިލުވެދާނެކަން ޚުތުބާގައި ފާހަގަކުރިއެވެ.