މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން އިންސައިޓްސް"ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިފްތިތާހް ކޮށްދެއްވި މި ޕްރޮގްރާމްގެ މަގުސަދަކީ އިމިގްރޭޝަންގެ ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އޮޅުން އަރަމުންދާ ކަންކަން ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މައުލޫމާތުތައް ތަފްސީލާ އެކު ހާމަކުރުމެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހްމަދު ފަސީހް ވިދާޅުވީ މި ޕްރޮގްރާމް މެދުވެރިކޮށް، ޕާސްޕޯޓަށް އެދި ހުށަހަޅާއިރު ފޮޓޯ ނަގާފައި ހުންނަންޖެހޭ ގޮތާއި ސްޕޮންސަޝިޕް ޑެކްލެރޭޝަންގެ މައުލޫމާތާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާނެ ގޮތް ސާފުކޮށްދިނުން ފަދަ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރާނެ ކަމަށެވެ.
މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިމިގްރޭޝަން އޮފިސަރުން ބޭނުންކޮށްގެން ކުރު ވީޑިއޯއެއްތަކެއް ހަދައި އާންމުން ހޭލުންތެރިކުރުވުމަށް ކަމަށްވެސް ފަސީހް ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބުނީ އެ އިދާރާގެ ހިންގުން ހަރުދަނާކޮށް އާންމުންނަށް ވީހާވެސް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.