ނ. ލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަންތަކުގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނަކީ މަސްތުވާތަކެތި ގެންގުޅެ އަދި އެ ތަކެތި ބޭނުންކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި، އެ ރަށު ގެއެއް ބަލައިފާސްކުރިިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 11 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ / ހަވޭލި، ހަސަން މުހައްމަދު (33އ) އާއި ނ. މާޅެންދޫ / މޫންލައިޓް، އިމްރާން ޢަލީ (30އ) އެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މީގެ އިތުރުން މި މަހުގެ 6 ވަނަ ދުވަހުވެސް ލަންދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެ އެވެ.
މި އޮޕަރޭޝަނަކީ މާލެއިން ނ. އަތޮޅަށް ދަތުރުކުރަމުންދާ ފެރީއަކުން ލަންދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި، ލަންދޫ ބަނދަރުމަތިން ސ. ހިތަދޫ / ގާފިލާ، އަޙުމަދު އަބާން ޢަލީ (20އ) ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަޙުމަދު އަބާން ޢަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.