ފަރުވާކުޑަކޮށް، އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، މާތް ﷲ އެ ނަމާދު ޤަބޫލެއްނުކުރައްވާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ނަމާދުގެ މައްޗަށެވެ. އެގޮތުން ނަމާދަކީ ދީނުގެ ތަނބުކަމާއި، ޤިޔާމަތްދުވަހު ހިސާބުބެއްލެވޭ ހިނދު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުން ނުހަނު މުހިންމުކަމަށް ހުތުބާގައިވެއެވެ. ނަމާދާއި ނުލާ އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެންނުވާނޭކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ހުތުބާގައިވާ ގޮތުގައި މުސްލިމު އަޅާ، ފަރުޟު ފަސް ނަމާދު އަދާކޮށްފައި ހުންނާން ޖެހޭނީ، ތާހިރުކަންމަތީހުރެ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތް ﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައެވެ. ނަމާދުކުރަންވާނީ ޚުޝޫޢަތްތެރިވެ ތިބެގެންކަމާއި، ފަރުވާކުޑަކޮށް، ޣާފިލުވެ ތިބެގެން ނަމާދުކުރާ މީހުންނަށް ދަރުމައެއް ނެތްކަމަށް ހުތުބާގައިވެއެވެ. އޭގެ ބަދަލުގައި އެ ފަދަ މީހުންނަށް ހުރީ ގެއްލުމާއި ހަލާކުކަމަށާއި، އެހެންކަމުން ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ވަރަށް މުހިންމުކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ.
ނަމާދުކުރާންވީ ގޮތަށް، ބިރުވެތިކަމާއި ޚުޝޫޢަތްތެރިކަމާ އެކު އެ އަޅުކަން އަދާކުރާ މީހުންނަށް، އުޚުރަވީ ޙަޔާތުގައި ލިބޭނޭ ސަވާބާއި ދަރުމައިގެ އިތުރަށް، އެ މީހުންގެ ދުންޔަވީ ޢަމަލުތައް ވެސް ހެއުވެ، ޞާލިޙުވާކަމަށް ހުތުބާގައިވެއެވެ. އަދި ނުބައި ކަންތަކާއި، މުންކަރާތްތަކާއި، ފާފަވެރިވާ ކަންކަމުން ނަމާދު، އެބައިމީހުން ރައްކާތެރިކޮށްދޭކަންވެސް ފާހަގަކޮށްފައިވެއެވެ.
ވީމާ ނަމާދުގައި ޚުޝޫޢަތްތެރިވާށެވެ! މަޑުމޮޅިވާށެވެ! މަޑުމައިތިރިވާށެވެ! ފޭރާން ކޮށިކޮށް، އިސްތަށިގަނޑު ރީތިކޮށް، މާގިނައިން ތަންތަން ކަހައިނޫޅޭށެވެ! ނަމާދުކުރާން ތިބޭ އެހެން މީހުންނަށް އުނދަގޫވާ ވަރަށް، ނަމާދުގައި ކިޔާ ތަކެތި އަޑުހަރުކޮށް ނުކިޔާށެވެ! ޖަމާޢަތުގެ ނަމާދުގައި އިމާމާ ފިޔަވައި، އަދި އާމީން ކިޔުން ފިޔަވައި ދެން ތިބި މީހުން، ނަމާދުގައި ކިޔާތަކެތި ކިޔާނީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ސިއްރުންނެވެ. ނަމާދުގައި އިޙްސާންތެރިވާށެވެ! އެއީ ތިމާއަށް މާތް اللّٰه ފެންނާން ނެތަސް، އެ ކަލާނގެ ތިމާގެ ޢަމަލުތައް ދެކެދެނެވޮޑިގެންވާކަން ޤަބޫލުކުރާ ޙާލުގައި، ނަމާދުކުރުމެވެ. އޭރުން ބޭކާރު ޙަރަކާތްތަކާއި، ނަމާދުން ބޭރު ޚިޔާލުތައް، ހިތަށް ވަންނަ މިންވަރު ކުޑަވާނެއެވެ.
ހުތުބާގައިވެއެވެ.
ނަމާދުގައި ހިމޭންވެ ތިބުމަށާއި، ނަމާދުން ބޭރު ޙަރަކާތްތައް ނުކުރުމަށް އަމުރުކުރައްވާފައިވާކަމަށާއި، މަޑުމައިތިރިކަމާ އެކު ނަމާދުގައި ޤާއިމުވެ ތިބުމުގެ މުހިންމުކަންވެސް ހުތުބާގައިވެއެވެ. އަދި ނަމާދުގެ ކުރިން މޯބައިލް ފޯނުތައް ނިއްވާލުމަށްވެސްވެއެވެ.