ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އިސް ނަގައިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު މާލޭ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީއާއެކު 8 ފަރާތަކުން ވަނީ ތަފާތު ސްޓޯލްތައް ހިންގާފައެވެ. އޭގެތެރޭގައި އެސް.އޯ.އީތަކާ އެކި އިދާރާތައް ހިމެނެއެވެ.
އެގޮތުން އިންޖިނިއަރިންގެ އެކި ދާއިރާތަކާގުޅޭ މަސައްކަތްތައް ދައްކާލުމާ ކުޑަކުދިން ޝައުގުވެރިވާ ހަރަކާތްތައް ސްޓޯލްތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ސްޓޯލްގައި އިންޖިނިއަރިން ދާއިރާއަށް ގުޅުންހުރި ގޭމްތަކާއި މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ.
އިންޖިނިއަރުންގެ ދުވަހަށް ޚާއްސަ ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި އިދާރާތައް
- މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
- އެމްއެންޑީއެފް
- މާލެ ސިޓީ ކައުންސިލް
- އެޗްޑީސީ
- ފެނަކަ
- ސްޓެލްކޯ
- އެމްޓީސީސީ
- އާރްޑީސީ
- އެމްއޭސީއެލް
- ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި އެކި އިދާރާތަކުގެ އިތުރުން މި އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި އެމްޑަބްލިޔުއެސްސީ، އެފްޑީސީ، ފެނަކަ، ދިރާގު އަދި އުރީދޫގެ ވަރަށް ބޮޑު އެއްބާރުލުން ލިބުނުކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.
މިނިސްޓްރީން ވިދާޅުވީ މިފަދަ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އިންޖިނިއަރިން ދާއިރާގައި ކުރާ މަސައްކަތްތަކާ އަދި އެކަމަށް ޝައުގުވެރިވާ އާ ޖީލެއް އުފެދިގެން ދިއުމަށް ބާރުއެޅުން ކަމަށެވެ.