މިނިވަން މީޑިއާ ތަޅުއަޅުވާ ބިލު ފާސްކުރިޔަސް އެ ބިލަށް އެއްވެސް ބޭފުޅަކު ތަބާ ނުވުމަށާއި އޭނާވެސް ތަބާ ނުވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި، ރައްޔިތުންނަށް މިނިވަން ކަންމަތި އުޅެވެންޖެހޭނެ ކަމަށާއި މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ބިލަކަށް ތަބާ ވާން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ނޫސްވެރިންގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ނޫންކަމަށާއި މިއީ ހިޔާލު ފާޅުކުރާ ކޮންމެ މީހެއްގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
މިގައުމަކަށް ކުރިއެރުމެއް ނުލިބޭނެ މީޑިއާ ބަންދު ކޮށްފިއްޔާ. ސޯޝަލް މީޑިއާ ބަންދު ކޮށްފިއްޔާ. އަޅުގަނޑު ބުނަން އޮތް ވާހަކައަކި އެއްވެސް ބޭފުޅަކު އެ ފާސްކުރިޔަސް އެއަށް ތަބާ ނުވައްޗޭ. އަޅުގަނޑު ތަބައެއް ނުވާނަން. އެއްވެސް ބޭފުޅަކު ފާސްކުރިޔަސް ތަބާ ނުވައްޗޭ.
މީޑީއާ ބިލު މަޖިލީހަށް ހުށަހެޅީ ސަރުކާރަށް އެއްބާރުލުންދޭ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. މި ބިލު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ. އެގޮތުން ކޮމިޓީގެ ބައެއް ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށްގެންދާތީ ނޫސްވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.