މޯލްޑްވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް13 އަށް ފިޔަވަޅު އަޅާ، ރާއްޖެ ޓީވީއަށް އިންޒާރު ދީފިއެވެ.
ބްރޯޑްކޮމް އިން ޗެނަލް13 އަށް ފިޔަަޅަޅު އަޅާފައި ވަނީ އެ ޗެނަލުން މި އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހު ގެެނެސްދިން ފޭސްބުކް މީސް މީޑިއާ ލައިވް ޕްރޮގްރާމް "ދަ ފްރޮންޓް އޮފީސް"ގައި ބްރޯޑްކާސްޓް ކުރި ބައެއް ވާހަކައިގައި ކޯޑް އޮފް ޕްރެކްޓިސް އާ ހިލާފުވާ ފަދަ ބައެއް ވާހަކަތައް ހިމެނޭތީ މައްސަލަ ބެލުމަށްފަހުއެވެ.
އެހެންކަމުން، ޗެނަލް 13 ގެ ބްރޯޑްކާސްޓް މާދަމާ ރޭ 8:00 އިން 10:00 އަށް މެދުކަނޑާލުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ބްރޯޑްކޮމްއިން ރާއްޖެޓީވީއަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައި ވަނީ މި އަހަރުގެ މާރިޗް 12 ވަނަ ދުވަހުރޭ 22:10ގައި ބްރޯޑްކާސްޓްކުރި "އެމްޑީޕީ ކުއްލި އެއްވުން" މި ކޮންޓެންޓު ބެލިބެލުމުގައި، 22:43:50 އިން 22:44:45 އަށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓްގައި ކުޑަކުދިންގެ ހައްގުތަަކަށް ބުރޫއަރާފަދަ ކޮންޓެންޓް ހިމެނޭ ކަަމަށް ބެލެވޭ މައްސަލައާ ގުޅިގެންނެވެ.
އެގޮތުން ކުޑަކުދިން ހިމާޔަތް ކުރުމަށް އަަމަލުކުރަންވީ ގައިޑްލައިނާ ރާއްޖެ ޓީވީން ވެސް ހިލާފުވެފައިވާ ކަމަށާއި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ، އެ މައްސަލައެއްގެ ޒާތަށާއި ހައްސާސް ކަމަށް ބަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.