މާލޭގެ ޕާކިންގ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ މަޤްޞަދުގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން، މާލޭ ސިޓީ ކައުންސިލްގެ އިސްވެރިންނާއި ދިވެހި ފުލުހުންގެ ޚިދުމަތާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މާލޭގެ ބޮޑުވެފައިވާ ޕާކިންގ މައްސަލަ ހައްލުކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، މިހާރު ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ ތަފްޞީލީ މަޝްވަރާތަކެއް ކުރެވިފައެވެ. މަޝްވަރާގައި މާލޭގެ މަގުތަކުގައި ޕާކިންގ މެނޭޖްކުރުމަށް މިހާރު ހުރި ނިޒާމުތަކާއި، އެ ނިޒާމުތައް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ގުޅޭ ވުޒާރާއިން ބުނީ މާލޭގެ ޓްރެފިކް މައްސަލަތަކާއި ޕާކިންގގެ ދަތިކަން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަށް ވެފައިވާއިރު، މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ކަމަށާއި، މި ބައްދަލުވުމަކީ، މާލޭގެ ޕާކިންގ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުގެ ތިން މުހިއްމު މުއައްސަސާއިން ގުޅިގެން މަސައްކަތްކުރުމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.