މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅައިފައިވާ ބިލު, ކޮމިޓީން ފާސްކޮށް, ބިލުގެ ކޮމިޓީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ހުށަހެޅުއްވި ލަފާތަކާއެކުމިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އަލުން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މީގެ އިރުކޮޅެއް ކުރިން ބައްދަލުވުމެއް ބޭއްވީ މީޑިއާ ބިލު އިއްޔެ ފާސްކުރި ފަހުން، އެ ބިލަށް ކައުންސެލް ޖެނެރަލްގެ ރިކޮމެންޑޭޝަންތަކެއް ލިބިގެން އެ ކަންކަން ވެސް ބިލުގައި ހިމެނުމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވީ އިއްޔެ ފާސްކުރި ބިލުގައި އެއްވެސް ގާނޫނީ ފުށުއެރުންތަކެއް ނެތް ނަމަވެސް ފާސްކުރި ބިލަށް ކައުންސެލް ޖެނެރަލްގެ ލަފާތަކެއް ލިބިފައި ވާތީ އެ ލަފާ ވެސް ބިލް ފާސްކުރާއިރު ހިމެނުމަށެވެ.
އެހެންވެ، ޝުޖާއު ހުށަހެޅުއްވި ގޮތަށް ޕީއެންސީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކުރި އެވެ. އެ ކަމާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމް އެކަންޏެވެ.
ފިލްޒާގެ ލަފައާއެކު ރިޕޯޓު ކިޔުމުގެ ފުރުސަތު ލިބެންވާނެ ކަމަށާއި، ބިލުގެ ފައިނަލް ޑްރާފްޓް ވެސް ކިޔުއްވަން ފުރުސަތު ލިބެންވާނެ ކަމަށް ވިދާޅުވެ މެންބަރު މީކާއީލް ނަސީމް ވަނީ ވިދާޅުވެފައެވެ.
އެންމެ ކުޑަމިނުން ބިލުގެ ރިޕޯޓު ވިދާޅުވާން އެކަށީގެންވާ ވަގުތު ދޭން ޖެހޭނެކަން ފާހަގަކުރައްވައި، މީކާއީލް ވިދާޅުވީ ރިޕޯޓު ވިދާޅުވާން ފުރުސަތުނުދީ ފާސްކޮށްފިނަމަ، ބިލުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.
އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މިއަދު ހެނދުނު 11:00 ޖެހިއިރު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުގައި ވަނީ، އެ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަން ބޭރުކޮށްލަން ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައިފައެވެ.