ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލް ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި ނޫސްވެރިންނަށް ބިރެއް ނުދެއްކޭނެ ކަމަށް، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ބުނެފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިލު ތަސްދީގު ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށެވެ. އަދި ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މީޑިއާގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތްތައް އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.
އާ ގާނޫނާއެކު އުފައްދާ ކޮމިޝަނަކީ ސިޔާސީ ނުފޫޒު ވަންނަ ގޮތަށް އޮތް ކޮމިޝަނެއް ކަމަށާއި އެގޮތުން މި ކޮމިޝަނަށް ވެބްސައިޓުތައް ބްލޮކްކުރުމާއި، ބްރޯޑްކާސްޓަރުންގެ ލައިސަންސް ބާތިލުކުރުމުގެ އިތުރުން ބޮޑެތި ޖޫރިމަނާތައް ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
މިއީ ނޫސްވެރިންނަށް ބިރުދައްކައި ސެލްފް ސެންސަޝިޕަކަށް ދިޔުމަށް މަޖުބޫރު ކުރުމަށް ކުރާ ކަމެއް ކަމަށާއި ނަމަވެސް ނޫސްވެރިންނަށް ބިރު ނުދެއްކޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އަދި މި ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ބުންޏެވެ.
ރައީސް މުއިއްޒު އެ ބިލު މިއަދު ތަސްދީގުކުރައްވާފައިވަނީ އެ ބިލު ތަސްދީގުނުކުރަން ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.