ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ހަރަކާތްތައް ބެލުމަށާއި އެފަދަ މީހުން ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް މިހާރު ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަން މި މަހުގެ 22 ވަނަ ދުވަހު ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ މާލެ ސަރަހައްދުގައެވެ. މި އޮޕަރޭޝަންގެ ތެރެއިން، ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ދިރިއުޅޭ ތަންތަން ބަލައިފާސްކޮށް، ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ.
ބަލައިފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރެޓާއި ދުންފަތް ޕެކެޓު ފެނިފައިވެއެވެ. މީގެ އިތުރުން، ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޝަމިމް މިއާ، ބަންގްލަދޭޝް (37އ) އާއި އަލައުއްދީން، ބަންގްލަދޭޝް (22އ) އެވެ.
މި އޮޕަރޭޝަނުގައި 13 ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނުގެ 3 އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމް ސާވިސްގެ 3 އޮފިސަރަކު ބައިވެރިވިއެވެ.