ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެވެ.
މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ދެ މީހުން ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ.
ކްރިމިނަލް ކޯޓުގައި އެމައްސަލައިގެ ޝަރީއަތް ކުރިއަށްދާއިރު މިހާރު ދަނީ އެމައްސަލައިގެ އަދަބު ކަނޑައެޅުމުގެ ޝަރީއަތް ފެށުމަށް ތައްޔާރުވަމުންނެވެ.
މިކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ސައީދުގެ މައްޗަށް އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި، އެ ކުންފުނީގެ ކުރީގެ ކުރީގެ ޗީފް އެކައުންޓެންޓް މުހައްމަދު މަސްއޫދާއި ސައީދުގެ މައްޗަށް އުފުލި ދައުވާއެވެ.